ހއ އަތޮޅު ހޯރަފުށީގައި ހުރި ފަޅުގެޔެއްގެ ތެރެއިން މަޝްހޫރު ވިޔަފާރިއަކު މަރާލައިފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނު ޢުމުރުން 07 އަހަރުގެ ޙުސެއިން މުޙައްމަދު މަނިކު އޮތީ ޤަސްތުގައި މަރާލައިފައިކަމަށް ޝައްކުކުރެވޭކަމަށް ފުލުހުން ބުނެއެވެ.
އެރަށުގެ އޮފިޝަލަކު މިނިވަން ނިއުސްއަށް ކިޔައިދެއްވިގޮތުގައި ޙުސެއިން މުޙައްމަދު މަނިކުގެ ހަށިގަނޑު ފެނިފައިވަނީ ރޭގެ ވަގުތެއްގައި އެފަޅުގެ ބަލަހައްޓާ މީހާއަށްކަމަށާއި، ބޭރުފުށުން ހަށިގަނޑުގައި އެއްވެސް ޖިސްމާނީ ހާނިއްކައެއް ފެންނާކަށްނެތެވެ. އަދި މިމީހަކީ ހޯރަފުށީ ރައްޔިތެއް ނޫންނަމަވެސް ވަރަށް ޒަމާންވަންދެން އެރަށުގައި އުޅެމުން އަންނަ މީހެއްކަމަށާއި، މިމަރުގެ ސަބަބުން ރަށު ރައްޔިތުން ހަލަނބޮލިވެފައިވާކަމަށްވެސް މިނިވަން ނިއުސްއާ ވާހަކަދެއްކި އޮފިޝަލު ކިޔައިދީފައިވެއެވެ.
އެގޮތުން އެރަށުގެ ގޭންގަކަށް ނިސްބަތްވާ ޖިފުޓިގަނޑުތަކެއްގައި ރަށު ރައްޔިތުންގެ ބަޔަކު ރޯކޮށްލާފައިވާކަމަށާއި، މިމަރުގެ ފަހަތުގައިވަނީ ގޭންގުތަކެއްކަމަށް ރަށުގެ ރައްޔިތުން ޤަބޫލުކުރާކަމަށްވެސް މިނިވަން ނިއުސްއަށް ކިޔައިދީފައިވެއެވެ. ރަށުން ވާހަކަދެއްކެވި އޮފިޝަލު އިތުރަށް ކިޔައިދީފައިވާގޮތުގައި ރޭގައި އެރަށަށް ވަރަށް ބޯކޮށް ވާރޭވެހުނެވެ. އަދި ވާރޭ ވެހޭއިރު އެކަކުވެސް ބޭރަށް ނުނުކުންނާތީ، މަގުތަށް އޮންނާނީހުސްކޮށްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކަންމިހެން އޮތްއިރު ދުވަހު ނޫސްތަކުގައި ބުނެފައިވަނީ މުޙައްމަދު ޙުސެއިން މަނިކުގެ ހަށިގަނޑު ފެނުނުއިރުއޮތީ ދެއަތް ފުރަގަހައްލައި، ރޯނުގަނޑަކުން ބަނދެފައިކަމަށެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މިރިޕޯޓު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މިހާރު މިމައްސަލަ ތަޙްޤީޤުކުރަމުންދާކަމަށާއި، އެހެންކަމުން މައްސަލައިގެ ތަފްސީލީ މަޢުލޫމާތު ހާމަކުރުމަށް ނުހަނު ދަތިކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ކިޔައިދެއްވިގޮތުގައި މިމައްސަލައިގެ ތަޙްޤީޤަށް ފުލުހުންގެ ކޮމިޝަނަރ އަޙްމަދު ފަސީޙުއާއި، ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު ރިޝްވާން ހިމެނިވަޑައިންނަވާގޮތުން، ސީރިއަށް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓްގެ ޓީމެއް ވަނީ ހޯރަފުއްޓަށް ވަޑައިގެންފައެވެ.
ކަންމިހެން އޮތްއިރު ރައީސުލްޖުމްހޫރިއްޔާވަނީ މިމަރުގެ މައްޗަށް ކަންބޮޑުވުން ފައުޅުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ޙުސެއިން މުޙައްމަދު މަނިކުގެ ޢާއިލާގެ ބޭފުޅުންނަށް ތަޢުޒިއްޔާ ދަންނަވާފައިވެއެވެ. އަދި އެބަޔާނުގައި މިމައްސަލަ ވަރަށް ރަނގަޅަށް ތަހްޤީޤުކުރުށް މޯލްޑިވްސް ޕޮލީސް ސަރވިސްއަށްވަނީ ގޮވާލައިފައެވެ.