އިއްޔެ ބޭއްވުނު ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކޯޓުތަކާބެހޭ ބިލު ފާސްކޮށްފި

އިއްޔެ ބޭއްވުނު ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކޯޓުތަކާބެހޭ ބިލު ފާސްކޮށްފި ތަންބުނެއިލް

ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ ނިޒާމް އިސްލާޙުކުރުމަށް ބޭނުންވާ ކޯޓުތަކާބެހޭ ބިލު، ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފާސްކޮށްފިއެވެ. މިއީ ދެވަނަ ދައުރު ނިންމައި، އެއްމަސް ދުވަހުގެ ޗުއްޓީއަކަށްފަހު، މަޖިލީސް މެންބަރުން ކުރެއްވި ފުރަތަމަ ޖަލްސާއެވެ.

އޯގަސްޓު މަހުގެ 03 ވަނަދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގައިވަނީ ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިހުރި ގޮތުގެ މައްޗަށް ޝަރީޢަތް ނުހިންގޭނެކަމަށާއި، އަލުން ޝަރީޢަތް ހިންގަން ފެންނަކަމަށް ބެލެވޭ މައްސަލަތަކަށް އަލުން ޝަރީޢަތް ނުހިންގޭނެކަމަށް ބުނެ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ހުށަހެޅި އިސްލާޙަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންނާ ޑިއާރްޕީގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ބަހުސްހޫނުވެފައެވެ.

އެދުވަސްވަރު ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނީ އެމްޑީޕީގެ މެންބަރުން އަޑުއުފުލަންޖެހުނީ ޢަދުލް އިންސާފުގެ ނިޒާމް މުށުތެރެއަށް ލެއްވުމަށް ޑީއާރްޕީގެ މެންބަރުން މަސައްކަތްޕުޅުކުރެއްވީމާކަމަށެވެ.

އެހެންނަމަވެސް ހޯމަދުވަހުގެ ޖަލްސާގައި ދެބަސްވުންތަކެއް ނެތި، މިބިލަށް ވޯޓަށްއަހައި ފާސްކޮށްފައިވެއެވެ. އެގޮތުން މިބިލާ އެއްކޮޅަށް 05 މެންބަރުން ވޯޓުދެއްވާފައިވާއިރު، 4 މެންބަރުންވަނީ ބިލާ ދެކޮޅަށް ވޯޓުދެއްވާފައެވެ. 6 މެންބަރަކު ވަކިއަތަކަށް ވޯޓުލައްވާފައެއްނުވެއެވެ.

ޤާނޫނުއަސާސީގެ 6 ވަނަ ބާބުގައި ބަޔާންވެގެންވާގޮތުގެ މަތީން ކޯޓުތަކާބެހޭ ބިލުގައި ކޯޓުތަކުގެ ގިންތިތަކާއި، އިޚްތިސާސް އަދި އިދާރީ ހިންގުމުގެ ވަކިމިވެނި އުސޫލުތަކެއް އެކަށައަޅައި ބަޔާންކޮށްފައިވާއިރު، މިބިލު ގެޒެޓުގައި ޝާޢިއުކުރުމުން ޝަރީޢަތްތައް ހިންގާނޭ އުސޫލުތަކާއި ޤަވާޢިދުތައް އެކުލަވާލުމަށް ޖުޑީޝަލް ކައުންސިލެއްވެސް އުފެދިގެންދާނެއެވެ.

މިބިލު ހުށަހަޅާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި ސަރުކާރުންނެވެ.

ކަންމިހެން އޮތްއިރު އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ބާރަށު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ތަރުޖަމާނު މުޙައްމަދު ޝިފާޒް ވިދާޅުވެފައިވަނީ އެބޭފުޅާ މިބިލާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ ބިލުގެ ބައެއް މާއްދާތަކާމެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާތީކަމަށެވެ. އަދި ދެޕާޓީގެ ދެމެދުގައި ކުރެވުނު ގިނަ މަޝްވަރާތަކަކަށްފަހު މިބިލު އޮތްގޮތަށް ފާސްކުރުމަށް އެއްބަސްވެވިފައިވާކަމަށާއި، އެހެންނަމަވެސް އެންމެ ފަހު ވަގުތުގައި ޑީއާރްޕީއިން ގިނަ އިސްލާޙުތަކެއް ބިލަށް ހުށަހެޅިކަމަށްވެސް ޝިފާޒް ވިދާޅުވެއެވެ.

މިކަމާމެދު މިނިވަން ނިއުސްއާ ވާހަކަދައްކަވަމުން ޑީއާރްޕީގެ ޕާލިމެންޓަރީ ގުރޫޕްގެ މެންބަރު ޢަބްދުﷲ މައުސޫމްވަނީ އޯގަސްޓު 03 ވަނަދުވަހު ބައްދަލުވުން އެމްޑީޕީއިން ގަޑުބަޑުކޮށްފައިވަނީ އެމްޑީޕީ މެންބަރުން ބޭނުންފުޅުވެލައްވާ ގޮތަށް ކަންތައް ނުދިއުމުންކަމަށް ތުހުމަތުކުރައްވާ، އެބޭފުޅުންނަށް އިސްލާޙު ހުށަހެޅުމުގެ ޙައްޤު ލިބިވަޑައިގެންވާކަމަށާއި، އެމްޑީޕީއިން ދައްކަމުންދާ ވާހަކަތަކަކީ ހުސްބަހަނާތަކެއްކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ހިންގާ ޤަވާޢިދަށް އެމްޑީޕީ މެންބަރުން ޢަމަލުކުރައްވަން ބޭނުންފުޅުވެނުލައްވަނީކަމަށާއި، ޑީއާރްޕީއިން ހުށަހެޅި އިސްލާޙުތަކުގެ މަޤްސަދަކީ ކޯޓުތަކަށް އެންމެ އެދެވޭގޮތެއްގައި މަސައްކަތްހިންގާ ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުންކަމަށްވެސް މައުސޫމް އިތުރަށް ވިދާޅުވިއެވެ.

ހޯމަދުވަހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ހުށަހެޅުއްވި ހުރިހާ އިސްލާހުތަކެއް ފާސްވެފައިވާއިރު، އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވި އެއް އިސްލާޙު ފާސްވެފައިވެއެވެ.

މިބިލު ފާސްކުރުމަށް ނަގާ ވޯޓުގައި އެމްޑީޕީގެ މެންބަރުންނަށް ބޭނުންފުޅުވެލައްވާ ގޮތަކަށް، ބުއްދިއަށް ފެނިވަޑައިގަތް މަގަކުން ވޯޓުދެއްވުމުގެ އިޚްތިޔާރު ދިނުމަށް ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވަނީ މިއީ ޤައުމީ މަސްލަޙަތު ސީދާގޮތުގައި ޝާމިލުވާކަމެއްކަމުގައި ވާތީކަން އޮޅުންފިލުއްވައިދެއްވަމުން، ޝިފާޒް ވިދާޅުވެގައިވަނީ މިބިލާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ އެއްސަބަބަކީ އެއްލައްކައަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ ޝާމިލުވާ މަދަނީ މައްސަލައެއްނަމަ އަތޮޅުތަކުގެ ރައްޔިތުން މާލެއަށް އަންނަންޖެހޭގޮތަށް، މާލޭގެ ކޯޓުތަކާއި އަތޮޅު ތަކުގެ ކޯޓުތަކާދެމެދު ތަފާތުކޮށްފައި އޮތް އޮތުމެވެ. މީގެއިތުރުން މިބިލުގެ ސަބަބުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންފަދަ އިދާރާތަކުގެ ކޮންޓްރޯލް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބުވައިދީ، އެކޮމިޝަނަށް މާގިނަ ބާރުތައް ޖަމާވާނެކަމަށްވެސް ޝިފާޒް ވިދާޅުވެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ ޕެރޯލްއާއި ޖަލުތަކާއި ބެހޭ ބިލުގެ ބަހުސްގެ ތެރޭގައި، މާލިއްޔަތުގެ ޤާނޫނަށް އިސްލާޙުގެނައުމާއިބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާގެ އިޢުތިރާޒަށްފަހުގައިވެސް ފާސްކޮށްފައި އޮތްއިރު، އެބިލު ތަސްދީޤުކުރެއްވުމަށް ރައީސް ނަޝީދު ދެކޮޅުހައްދަވަމުންދާކަމަށް ވިދާޅުވެ ޑީއާރްޕީގެ މެންބަރުންވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނެންގަވާފައެވެ. މިކަމުގެ ސަބަބުން ޖަލްސާވަނީ ހޫނުވެފައެވެ.

ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ)ގައިވާގޮތުންނަމަ “ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު ވިސްނެވުމަށްފަހު، އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ، އެބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރަންވާނެއެވެ”.

ޑީއާރްޕީގެ މެންބަރުން ނަންގަވަމުންގެންދެވި ނިޒާމީ ނުކުތާތަކާ ވިދިގެން ދިވެހި ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރު ރިޔާޒް ރަޝީދުއާއި، އަމިއްލަ މެންބަރު އިބްރާހިމް މުއްތަލިބް އަދި އަޙްމަދު ޢާމިރުވެސްވަނީ އެރޫޙުގައި ނިޒާމީ ނުކުތާ ނަންގަވާފައެވެ. އެބޭފުޅުންގެ ވާހަކައިގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މާލިއްޔަތާ ބެހޭ ޤާނޫނު ތަސްދީޤުނުކުރައްވަނީސް އިތުރު ޤާނޫނުތައް ފާސްކުރުމަކީ މާނައެއްނެތްކަމެއްކަމަށާއި، އެޤާނޫނު ތަސްދީޤުނުކުރައްވަނީސް މަޖިލިސްވުމަކީ ނުހަނު ސީރިއަސް ނިޒާމީ މައްސަލައެއްކަމަށެވެ.

މިމަގުން މަޖިލީހުގެ ޖަލްސާ ހޫނުވަމުންގޮސް، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ޏާޒިމްވަނީ ޑީއާރްޕީގެ ނައިބު ލީޑަރެއްކަމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުގެ ނަންފުޅު އިއްވަވާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އަދި މެންބަރުންގެ ނިޒާމީ ނުކުތާތަކަށް ޖަވާބުދެއްވަމުން ރިޔާސަތުން ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަލުން އަނބުރާ ފޮނުއްވާލައްވާ ބިލެއް، ހަމައެއޮތްގޮތަށް އަލުން މަޖިލީހުން ފާސްކުރުމުން ތަސްދީޤުކުރައްވަން ޖެހިވަޑައިންނަވާ ވަކި މުއްދަތެއް ބަޔާންވެފައި ނެތުމުން އެއީ ދުސްތޫރީ މައްސަލައެއްކަމަށާއި، މިމައްސަލަ ކޯޓުން ނިންމުން ރަނގަޅުވާނެކަމަށެވެ. އަދި މިކަމުގައި ދެވެން ހުރި ޤާނޫނީ މަގުތައް ހުއްޓައި މިގޮތަށް ބަހުސްކޮށް، ދެކޮޅުވެރިކަމުގެ ބަސްތައް ބަދަލުކުރުމުގެ ބޭނުމެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށްވެސް ނާޒިމް އިތުރަށް ވިދާޅުވިއެވެ.
    announcement

    eht ni smitciv erutroT sevidlaM seirots rieht llet


    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery