ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ލީޑަރެއްގެ މަޤާމުގައި ހުންނެވި ޢުމަރު ނަސީރު އެޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނަރ ފުއާދު ތައުފީޤް ކަށަވަރުކޮށްދެއްވައިފިއެވެ.
އެގޮތުން ޑީއާރްޕީގެ އޮފީހުން އެދުނުގޮތުގެ މަތީން އެޕާޓީގެ ދަފްތަރުން ޢުމަރު ނަސީރުގެ ނަންވަކިކޮށްފައިވަނީ އެޕާޓީގެ އެދުމުގެ މަތީންކަމަށާއި، މިކަން ޑީއާރްޕީއަށާއި ޢުމަރު ނަސީރަށް އަންގަވާފައިވާނެކަމަށްވެސް ފުއާދު ތައުފީޤް ކިޔައިދެއްވިއެވެ. އަދި މިމައްސަލައިގައި ޢުމަރު ނަސީރު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވެވި ސިޓީވެސް ކޮމިޝަނުން ބައްލަވައި، އެސިޓީއަށް ޖަވާބު އަރުވާފައިވާނެކަމަށާއި، ޢުމަރު ނަސީރުއާއި ޑީއާރްޕީއާ ދެމެދު އޮތް މައްސަލައަކީ އެތެރޭގެ މައްސަލައެއްކަމަށް ދެކެވަޑައިންނަވާކަމަށް ވިދާޅުވެ، އެބާވަތުގެ ކަންކަމުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ނުވަންނާނޭކަން ފުއާދު ހާމަކުރެއްވިއެވެ.
ޑިއާރްޕީގެ ޤަވާޢިދު ބުނާގޮތުންނަމަ ޑިސިޕްލިނަރީ ކޮމިޓީގެ ނިންނުމެއް ބަދަލުކުރުމަށް އެދޭނަމަ އިސްތިޢުނާފު ކޮމިޓީއަށް އެފަރާތަކުން އެކަމެއް ހުށަހަޅަންޖެހޭކަމަށާއި، މިކަން ޙައްލުކުރުމަށް އޮތް ހަމައެކަނި ގޮތަކީ އެއީކަން ޢުމަރު ނަސީރަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާނެކަމަށްވެސް ފުއާދު ތައުފީޤްވަނީ އިތުރަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް މިކަމުގައި ޢުމަރު ނަސީރުގެ ބަހެއްވަނީ މިނިވަން ނިއުސްއަށް ލިބޭގޮތްނުވެފައެވެ.
ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމިޓީއިން ޢުމަރު ނަސީރު އެޕާޓީއިން ވަކިކުރުން ނިންމުމާއި ގުޅިގެން ޢުމަރު ނަސީރަށް ތަޢީދުކުރާ މެންބަރުންނާއި، ތަސްމީނަށް ތާޢީދުކުރާ މެންބަރުންގެ މެދުގައި މައްސަލަ ހޫނުވެ، ޕާޓީ ބައިބައިވެފައިވާއިރު، ޑީއާރްޕީއިން ޢުމަރުގެ ނަން އެޕާޓީގެ ދަފްތަރުން ވަކިކުރުމަށް ހުށަހަޅާފައިވަނީ ވޭތިވެދިޔަ ހަފްތާގައެވެ.
ޢުމަރު ނަސީރުވަނީ އޭނާ އެޕާޓީއިން ބޭރުކުރުމަށް ލީޑަރު އަޙްމަދު ތަސްމީން ޢަލީ ރާއްވަވާކަމަށާއި، ޖީއެމްއާރް ކުންފުނިން ތަސްމީން ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. މިދަނޑިވަޅުގައި ޕާޓީގެ ޒައީމްއާ ބައްދަލުކުރުމަށް ޢުމަރު ނަސީރުއާއި، އެބޭފުޅާއަށް ތާޢީދުކުރައްވާ ޑީއާރްޕީގެ އިސް ބޭފުޅުންކޮޅެއްވަނީ މެލޭޝިޔާއަށްވެސް ދަތުރުކޮށްފައެވެ.
ކަންމިހެން ހުރިއިރު މައުމޫންވަނީ ޑީއާރްޕީ އެއްގަލަކަށް އެރުވުމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި އެހީތެރިވެވަޑައިގަތުމަށް މާލެ ވަޑައިގެންފައެވެ. އަދި ޑީއާރްޕީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކަކީ ބައިބައިވުމަކަށްވުރެން ބޮޑަށް، ދެބަސްވުންތަކެއްކަމަށް މައުމޫންވަނީ ސިފަކުރައްވާފައެވެ.