ޢުމަރު ނަސީރު ޑީއާރްޕީއަށް ނޭނގި އެޕާޓީގެ ލޯގޯއާއި ލެޓަރހެޑް ބޭނުންކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ޢުމަރު ނަސީރު ޑީއާރްޕީއަށް ނޭނގި އެޕާޓީގެ ލޯގޯއާއި ލެޓަރހެޑް ބޭނުންކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ތަންބުނެއިލް

ޕާޓީގެ ހުއްދައެއްނެތި ދިވެހި ރައްޔިތުންގެ ޕާޓީގެ ލޯގޯއާއި، ލެޓަރހެޑް، އެޕާޓީގެ ކުރީގެ ނައިބު ރައީސް ޢުމަރު ނަސީރު ބޭނުންކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފިއެވެ.

ދާދިފަހުން ތަކެތީގެ އަގުތައް ބޮޑުވެގެންކަމަށް ބުނެ ކުރި މުޒާހަރާތަކާއި ގުޅިގެން ފުލުހުންނަށް ޢުމަރު ނަސީރު ސޮއެކުރައްވާ ފޮނުއްވި ސިޓީއެއްގައި އޮތީ ޑީއާރްޕީގެ ލޯގޯކަމަށް ފުލުހުންނަށް ތަސްމީން ހުށަހެޅުއްވި ޝަކުވާގައި ބުނެފައިވެއެވެ.

ކަންމިހެން އޮތްއިރު މައުމޫން ފެކްޝަނަށް ނިސްބަތްވެވަޑައިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެފައިވަނީ އެބާވަތުގެ ކަމެއް ޢުމަރު ނަސީރު ކުރައްވަފާނޭކަމަށް ޤަބޫލުކުރައްވަން ދަތިކަމަށާއި، ތަސްމީން އެއުޅުއްވަނީ ކުރައްވާފައި ނުކުރައްވާނޭކަމެއް އެނގިވަޑައިނުގަނެގެންކަމަށެވެ.

ކޮންމެ މުޒާހަރާއެއްވެސް ފެށުމުގެކުރިން އެމުޒާހަރާއެއް ރާވާ އިންތިޒާމްކުރާ ފަރާތްތަކާ ފުލުހުން ކޮންމެވެސް ގޮތަކުން ވާހަކަދައްކާކަމަށާއި، މުޒާހަރާތަކާ ގުޅިގެން ފުލުހުންނާ މުއާމަލާތުކުރަނީ އަނގަބަހުން، ސިޓީއިންނޫންކަމަށެވެ. އަދި ޑީއާރްޕީގެ ޕޯޑިއަމްގައި ޢުމަރު ނަސީރަށް ވާހަކަނުދެއްކެވޭނެނަމަ ދިވެހި ޤައުމީ ޕާޓީގެ ލީޑަރު ޑރ ޙަސަން ސަޢީދަށްވެސް ޑީއާރްޕީގެ ޕޯޑިއަމްގައި ވާހަކަދެއްކިގެން ނުވާނެކަމަށްވެސް މަޚްލޫފް އިތުރަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަކުރިއަށްގެންދަވަމުން ޢުމަރު ނަސީރު ޕާޓީއިން ވަކިކޮށްފައިވަނީ ޕާޓީގެ އަސާސީ ޤަވާޢިދާއި ޚިލާފަށްކަމަށްވާތީ، ޑީއާރްޕީއިން ޢުމަރު ރަސްމީގޮތުން ވަކިވެވަޑައިގެންފައިވާކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެ، ޢުމަރު ނަސީރު ޕާޓީއިން ވަކިކުރި މައްސަލަ ކޯޓުގައި އޮތްކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.









    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery