52 ޑޮލަރުގެ އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާޖަށްވީބައި ޖީއެމްއާރުން ސަރުކާރަށް ދައްކާ ފީއިން ކަނޑައެއްނުލެވޭނެ: މެންބަރު ނަޝީދު

52 ޑޮލަރުގެ އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާޖަށްވީބައި ޖީއެމްއާރުން ސަރުކާރަށް ދައްކާ ފީއިން ކަނޑައެއްނުލެވޭނެ: މެންބަރު ނަޝީދު ތަންބުނެއިލް

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 52 ޑޮލަރުގެ ފީއެއް އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖްގެގޮތުގައި ޖީއެމްއާރުން ނެގުމަށް ނިންމާފައިވާ ނިންމުން ސިވިލް ކޯޓުން ބާތިލުކުރުމުން، ޖީއެމްއާރުން ސަރުކާރަށް ތިން މަހުން އެއްފަހަރު ދައްކާ ކޮންސެޝަން ފީއިން އެ 52 ޑޮލަރު އުނިކުރާގޮތަށް އެއްބަސްނުވެވޭނެކަމަށް، ވަކިޕާޓީއަކަށް ނިސްބަތްނުވާ މަޖިލިސް މެންބަރު އަދި ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ޖީއެމްއާރާއި ދިވެހި ސަރުކާރާދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވުވެފައިވަނީ ދިވެހިރާއްޖޭގެ ސަރުކާރުން ނުވަތަ ޖީއެމްއާރުންވެސް ނޫންކަމަށާއި، އެކަންވެފައިވަނީ އެހެން އިތުރު ނުފޫޒުތަކެއްގެ ސަބަބުންކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

ސިވިލް ކޯޓުގެ ނިންމުމާއި ވިދިގެން ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމަށް ގެނުވުނު ބަދަލުތައް ދިރާސާކުރަމުންދާކަމަށް ދިވެހި ޤައުމީ ޕާޓީއިން ބުނެފައިވާއިރު “ޖީއެމްއާރަށް އެއަރޕޯޓް ޙަވާލުކުރުން: އަޅުވެތިކަމުގެ ފެށުން” މިނަމުގައި ލުއިފޮތެއްވެސް އެޕާޓީއިންވަނީ ޢާންމުކޮށްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެގުމަށް ހަމަޖައްސާފައި ކުރިން އޮތް 52 ޑޮލަރުގެ އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖްއަކީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނަގާ ފައިސާއެއްކަމަށް ޖީއެމްއާރުން ބުނެފައިވާއިރު، ދިވެހި ސަރުކާރާއި ޖީއެމްއާރާއި ދެމެދުވެފައިވާ އެއްބަސްވުމަކަށް ގެންނަ ބަދަލަކުން ސިވިލް ކޯޓުން ކުރި ޙުކުމްގެ ބާރު ކަނޑުވައިނުލެވޭނެކަމަށާއި، އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާޖަކީ ބާތިލު އެއްޗެއްކަމަށް ސިވިލް ކޯޓުން ނިންމާފައިވާއިރު، އަދި އެނިންމުން އެނޫންގޮތަކަށް މަތީ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާޖަށްވާ ފައިސާ އެހެން ވާސިތާއަކުން ނުވަތަ މަގަކުން ނެގުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށް މެންބަރު ނަޝީދު ވިދާޅުވެފައިވެއެވެ.

މިކަމުގައި ސަރުކާރަށް ކުރިއަށް ދެވެން އޮތް ހަމައެކަނި ހަމަ މަގަކީ އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖްފަދަ ޓެކްސްތައް ޖީއެމްއާރަށް ނުވަތަ އެފަދަ އެހެންފަރާތްތަކަށް ނެގޭނޭގޮތަށް ޤާނޫނުތައް އިސްލާޙުކުރުންކަން ހާމަކުރައްވަމުން މިކަމާ ގުޅޭ ބިލެއް މިއަހަރުގެ މާޗްމަހުގެ ތެރޭގައި މަޖިލީހުން ދިރާސާކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ، ނަޝީދުވަނީވަނީ އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާޖަކީ އަހަރަކު ތިން ފަހަރު ސަރުކާރުން އެއްކުރާނޭ އެއްޗެއްކަމަށްވާއިރު، އަދި މިއީ ޖެނުއަރީމަހުން 01 ވަނަދުވަސްކަމުގައި ވީނަމަވެސް މިހާއަވަހަށް ސިވިލް ކޯޓުގެ ޙުކުމުން ނެއްޓުމަށް ޖީއެމްއާރާއެކު ސަރުކާރުން އެއްބަސްވުމަކަށް އާދެވޭތޯ އުޅެގެންފައިވާކަމަށް ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު ސިވިލް ކޯޓުގެ ޙުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައިވަނީ އިސްތިޢުނާފުކޮށްފައެވެ. އެހެންކަމުން މިދުވަސްވަރު އެއެއްބަސްވުމަށް ބަދަލުތަކެއް ގެނުވުމަކީ ކުރެވޭނޭކަމެއް ނޫންކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނޭކަމުގެ ޔަޤީންކަން އެތައްފަހަރެއްގެ މަތީން ޚުދު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާއިރު، މިކަމާމެދު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވެފައިވަނީ ދިވެހިންގެ އެއަރޕޯޓް ތަރައްޤީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ފަޚުރާއި ޝަރަފުހުރި ކަމެއްކަމުގައި ދިވެހިން ދެކޭނޭކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ކުރީގެ އިންފޮމޭޝަން މިނިސްޓަރ މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޖީއެމްއާރާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެގްރީމަންޓުގެ ނުކުތާތަކަށް އެއްބަސްވުމުގައި ދިވެހި ސަރުކާރުންވަނީ މާބޮޑަށް ދޫދީ، ދީލާލައިފައިކަމަށާއި، އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާޖްގެގޮތުގައި ނެގުމަށް އެއްބަސްވެވިފައި އޮތް 52 ޑޮލަރުގެ ޒިންމާ އާޚިރުގައި ސަރުކާރުން އުފުލާންޖެހޭކަމަށް އެގްރިމެންޓުކުރެވިފައިވާއިރު، ޚުދު ސަރުކާރުން އެފައިސާ ޖީއެމްއާރަށް ދައްކާކަމަށްވާނަމަ، އެކުންފުނިން އެއަރޕޯޓަށްކުރާ 004 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓުގެ ބަދަލުގައި ދިވެހި ސަރުކާރުން 52 އަހަރު ދުވަހުގެ ތެރޭގައި އެކުންފުންޏަށް 526 މިލިޔަން ޑޮލަރު ދައްކާންޖެހިދާނެކަމަށެވެ.

އެހެންކަމުން ސަރުކާރަށް ނުފޫޒެއް ބާރެއްނުފޯރުވޭ، ކޯޓެއްގެ ނިންމުމެއްގެ ނަތީޖާއެއްގެ ހިތި ސަރުކާރުން ފިލުވާންޖެހޭގޮތަކަށް ޖީއެމްއާރާ އެއްބަސްވުމަކަށް އައިސްފައި އޮތުމުގެ މައްޗަށް ސުވާލު އުފައްދަވާކަމަށްވެސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖް ނެގުމަށް ހުރަސް އެޅިގެންދިއުމަކީ ޖީއެމްއާރާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެގެން ދާނެކަމެއްކަމަށާއި، އެހެންކަމުން ދިވެހި ސަރުކާރުން މިހާރު އެވަނީ އެއެއްބަސްވުމާ ޚިލާފުވެވިފައިކަމަށެވެ. އަދި އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖް ނެގުން ހުއްޓިގެން ދިއުމުން ޖީއެމްއާރަށް ލިބިގެންދާ ގެއްލުމުގެ ބަދަލުގައި އެކުންފުނިން ސަރުކާރަށް ދައްކާ ކޮންސެޝަން ފީއިން އެމިންވަރު އުނިކުރުމަށް ތާޢީދުކުރާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނާމެދު ޙައިރާންވެވަޑައިންނަވާކަން ހާމަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖީއެމްއާރާ ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމާ ޚިލާފުވުމަށް ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނޯންނާނޭކަމަށެވެ. އަދި އެއެއްބަސްވުން ވެވުނު އިރު ބައެއް ބާވަތުގެ ޗާރޖުތައް ޖީއެމްއާރުން ހުށަހެޅުމުން، އެއީ ކުރެވިދާނޭކަމެއްކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވީނަމަވެސް، މިހާރު އެލަފަޔާ ދިމާ އިދިކޮޅަށް ސިވިލް ކޯޓުން ނިންމުމުން، ސަރުކާރުން މިއެއްބަސްވުމާ ޚިލާފުވުމަށް ކުރިކަމެއް އޮންނާނޭތޯ ރައީސް ނަޝީދު ސުވާލުއުފެއްދެވިއެވެ. ކޮންޓްރެކްޓުން ބޭރުން ދެފަރާތުންކުރެ ފަރާތެއްގެ އިޚްތިޔާރެއްނެތި ހިނގައިދިޔަ ކަމެއްގެ ޒިންމާ ދިވެހި ސަރުކާރުން ނުއުފުއްލާނޭކަމަށްވެސް ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ ތެރޭގައި ދިވެހި ފަސިންޖަރުންގެ ނިސްބަތަކީ 21 އިންސައްތައާއި 51 އިންސައްތަކަން ފާހަގަކުރައްވާ، އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖް ނަގާންފަށައިފިނަމަ، އެދައްކާންޖެހޭނީ މައިގަނޑު ގޮތެއްގައި މަދުދިވެހިންކޮޅަކާއި، ބޭރުގެ ފަތުރުވެރިންނާއި، ދަތުރުވެރިންކަމަށާއި، އޭރުން ދިވެހި ސަރުކާރުން އުފުލާންޖެހޭނެ ބުރައެއް ނޯންނާނޭކަމަށް ވިދާޅުވެފައެވެ.

ވަކި އިސްތިސްނާތަކެއް އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖްނެގުމުގައި ގެންގުޅުމާމެދު މެންބަރު ނަޝީދުގެ ޚިޔާލުފުޅަކަށް އެދުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ސާރކްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންގެ އަތުން މިފީ ނުނެގޭނޭގޮތެއްގެ މައްޗަށް މަޖިލިސް މެންބަރުންގެ މެދުގައި ޚިޔާލު ބަދަލުކުރަމުން އަންނަކަމަށެވެ.
    announcement

    eht ni smitciv erutroT sevidlaM seirots rieht llet


    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery