އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުގެ ހެންޑްލިންގ ޗާރޖަސް ބޮޑުކުރުމަށް އެއަރޕޯޓު އޮޕަރޭޓްކުރަމުންދާ ޖީއެމްއާރުން ނިންމާފައިވާ ނިންމުމާއިގެން ކުރިއަށްގޮސްފިނަމަ، ޤަތަރު އެއަރވޭސްއިން ދިވެހިރާއްޖެއަށް ކުރަމުންދާ ވައިގެ ދަތުރުތައް ކުރިއަށްނުގެންދިއުމަށް ވިސްނަވާކަމަށް އެކުންފުނީގެ ސީއީއޯ އަކްބަރް އަލް ބަކަރް ވިދާޅުވެއްޖެއެވެ.
ރޮއެޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުގައި އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުގެ ހެންޑްލިންގ ޗާރޖަސް ކައިރި މުސްތަޤުބަލެއްގައި ބޮޑުކުރުމަށް ނިންމާފައިވާކަން އެނގިފައިވާތީ، ޤަތަރު އެއަރވޭސްއިން އެކަމާ ކަންބޮޑުވުމާއި، ހިތްހަމަނުޖެހުން ފައުޅުކޮށްފައިވާއިރު، އެބާވަތުގެ ކަމެއް ހިނގައިފިނަމަ ދިވެހިރާއްޖެއަށް ޤަތަރު އެއަރވޭސްއިން އޮޕަރޭޓުކުރާ ކުރުން ހުއްޓުމަކަށް އައުމުގެ ބިރު އޮތްކަމަށެވެ.
ޤަތަރު އެއަރވޭސްގެ ސީއީއޯ އަކްބަރް އަލް ބަކަރް ވޭތިވެދިޔަ ހަފްތާގެ ބުދަ ދުވަހު ނެރުއްވާފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާވެގެންވަނީ ފަތުރުވެރިކަމުގެ މައްޗަށްކަމަށްވާއިރު، ހެންޑްލިންގ ޗާރޖް ބޮޑުކުރުމަކީ އެއްވެސްގޮތެއްގައި ހަމަޖެހޭ ނިންމުމެއްނޫންކަމަށާއި، މިބާވަތުގެ ދެކޮޅުނުޖެހޭ ނިންމުމެއްގެ ސަބަބުން ޤަތަރު އެއަރވޭސްއިން ނުވަތަ އެހެންވެސް ބޮޑު އެއަރލައިންތަކުން ދިވެހިރާއްޖެއަށް އޮޕަރޭޓުކުރުން ހުއްޓާލުމުން އެކަމުގެ ގެއްލުންވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ބޮޑަށް ބާރޯސާވެގެންތިބި ދިވެހި ރައްޔިތުންނަށްކަމަށެވެ.
އަދި މިބާވަތުގެ ނިންމުމެއްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފާނޭ އަސަރުތަކެއްގެ މައްޗަށް ރަނގަޅުގޮތުގައި ވިސްނުންތެރިކަމާއިއެކު ނަޒަރު ހިންގުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަަކަށް އިލްތިމާސްކުރާކަމަށް ވިދާޅުވެ، އެބާވަތުގެ އަސަރުތަކެއްގެ މައްޗަށް ފަހަރުގައި އޮޕަރޭޓަރު (ޖީއެމްއާރް) ވިސްނުން ހިންގާފައިނުވުން އެކަށީގެންވާކަމަށްވެސް ޤަތަރު އެއަރވޭސްގެ ސީއީއޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކަންމިހެންހުރިއިރު ޖީއެމްއާރްގެ ތަރުޖަމާނު ޢާމިރު ޢަލީ ވިދާޅުވެފައިވަނީ ޖީއެމްއާރާ އެއަރޕޯޓު ޙަވާލުވުމުގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން މޯލްޑީވްސް އެއަރޕޯޓްސް ކޮންޕެނީއިން ހެންޑްލިންގ ޗާރޖަސް ބޮޑުކޮށްފައިވާކަމަށާއި، ހެންޑްލިންގ ޗާރޖް ބޮޑުކުރުމަށް މިވަގުތު ނުވިސްނާކަމަށެވެ. އަދި އޭރުވެސް ހެންޑްލިންގ ޗާރޖަސް ބޮޑުކުރީ ތެލުގެ އަގު ބޮޑުވުމުންކަމަށް ދެކެވަޑައިންނަވާކަމަށާއި، ޤަތަރު އެއަރވޭސްގެ ފަރާތުން ރަސްމީގޮތެއްގައި ސީދާ ޖީއެމްއާރަށް މިކަމާ ގުޅޭ އެއްވެސް މުއާސަލާތެއްކޮށްފައި އަދި ނުވާކަމަށްވެސް ޢާމިރު ޢަލީ އިތުރަށް ވިދާޅުވިއެވެ.
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުމާ ޖީއެމްއާރުން ޙަވާލުވި ފަހުން ދިވެހިރާއްޖެއަށް އަންނަ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚާއްސަކޮށް އަމާޒުކޮށްގެންނާއި، ޢާންމުކޮށް އެއަރޕޯޓުގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެވި، އެއަރޕޯޓަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެހެންނަމަވެސް ބެގެޖް ހެންޑްލިންގ ފީސްއަށް ގެނައި ބަދަލުތަކުގެ މައްޗަށާއި، އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖް ނެގުމުގެ މައްޗަށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި، ޢާންމުންގެ ފަރާތުންވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އަދި ސަރުކާރާއި ޖީއެމްއާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތީން މިއަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއަރޕޯޓް ޑެވަލޮޕްމަންޓް ޗާރޖް ނެގުމަށް ހަމަޖައްސާފައިވަނިކޮށް، އެފީ ނުނެގޭނޭކަމަށް ވޭތިވެދިޔަ އަހަރު ސިވިލް ކޯޓުންވަނީ ނިންމާފައެވެ. އަދި އެނިންމުން ސަރުކާރުންވަނީ ހައިކޯޓުގައި އިސްތިޢުނާފުވެސްކޮށްފައިމެއެވެ.