ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ޢަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނައި މައްސަލައިގައި ސުވާލުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ފުލުސް އޮފީހަށް މިއަދު ޙާޒިރުކޮށްފިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ވެސްވަނީ ރައީސް ނަޝީދު ވެރިކަމުން ވަކިވެވަޑައިގެންނެވި ދުވަހުގެ މެންދުރުފަހު އެމަނިކުފާނު ދިރިއުޅުއްވި ރަސްމީ ގެކޮޅުކަމުގައިވާ މުލިއާގެއިން ފެނުނުކަމަށްބުނާ ރާފުޅިތަކެއްގެ މައްސަލައިގައި ސުވާލުކުރުމަށް ފުލުސް އޮފީހަށް ޙާޒިރުކުރެވިފައެވެ.
މިކަމާ ގުޅޭގޮތުން މިނޫހާ ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ އެރާފުޅިތައް ފެނުނުކަމަށް ފުލުހުން ބުނާ ސަރަޙައްދަކީ މުލިއާގެއަށް ވަދެވޭ ކޮންމެ މީހަކަށްވެސް ދެވޭ ހިސާބެއްކަމުން، އެރާފުޅިތަކަކީ ކާކުގެ އެއްޗެއްކަން ޔަޤީންކުރެވޭނެގޮތެއް ނޯންނާނެކަމަށް ފުލުހުން ގާތު ދެންނެވީންކަމަށާއި، އެފުޅިތަކެއް ފެނުނުކަމަށް ބުނަނީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބަޣާވާތްކުރިކަމަށް ޤަބޫލުކުރެވޭ 7 ފެބްރުއަރީގައިކަމަށްވާއިރު، އެދުވަހު މުލިއާގެ ކޮންޓްރޯލްކުރީ ފުލުހުންކަމެއް ނުވަތަ އެމްއެންޑީއެފްއިންކަން އެނގިވަޑައިނުގަންނަވާކަމަށެވެ.
އަދި މި ދޮގު ތުހުމަތުތަކުގެ މައިގަނޑު ބޭނުމަކީ ރައީސް ނަޝީދާއި އެމްޑީޕީގެ އަގުވައްޓާލުންކަމަށް ދެކެވަޑައިންނަވާކަމަށާއި، އެހެންކަމުން މިބާވަތުގެ އެހެން ގިނަގުނަ ތުހުމަތުތަކެއްވެސް ފެންމަތިކުރާނޭކަމަށް ދެކެވަޑައިންނަވާކަމަށްވެސް އިބްރާހިމް ރަޝީދު އިތުރަށް ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރާ ފުލުހުން ސުވާލުކުރީ ޤާޟީ ޢަބްދުﷲ މުޙައްމަދު ޢަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައިކަމަށް ތޮލްހަތުވަނީ މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރ އަޙްމަދު ޝިޔާމްވަނީ ތޮލްހަތާއި، އިބްރާހިމް ރަޝީދު ފުލުސް އޮފީހަށް ހާޒިރުކުރެވިފައިވާކަން ޔަޤީންކޮށްދެއްވައި، އެބޭފުޅުން ވަޑައިގަތުމަށް ދެންނެވީ ހުށަހެޅިފައިހުރި ބައެއް މައްސަލަތަކުގެ ވާހަކައިން ސުވާލުކުރުމަށްކަމަށެވެ. އަދި ތަހްޤީޤު އަދި ނުނިމޭކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ހާމަކުރައްވަން ޝިޔާމް އިންކާރުކުރެއްވިއެވެ.
ޖަނަވަރީ މަހުގެ 61 ވަނަ ދުވަހު ދިވެހި ޢަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދުވުނު ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލާއި، ހައިކޯޓާއި، ސުޕްރީމް ކޯޓުގެ އިތުރުން އެތައް މުއައްސަސާތަކަކުން ގޮވާލައިފައިވެއެވެ. އެހެންނަމަވެސް ޤާނޫނު އަސާސީ ޙިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލްގެ ނިޒާމް ހަލާކުން ސަލާމަތްކުރުމަށް ޤާޟީ ޢަބްދުﷲ މުޙައްމަދު ކޯޓަށް ވަޑައިނުގެންނެވޭގޮތަށް އެކަހެރިކުރާން ޖެހިފައިވާކަމަށް އޭރުވެސް އަދި މިހާރުވެސް ރައީސް ނަޝީދު ވިދާޅުވެއެވެ.