މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މަޖިލިސް ހުޅުވާ ޖަލްސާގައި، މަޖިލިސް މެންބަރުންނަށް ރިޔާސީ ބަޔާން އިއްވެވުމާއި ދެކޮޅަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރި މުޒާހަރާގައި 99 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ޚަބަރުލިބެއެވެ.
ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 08 ފިރިހެނުންނާއި، 31 އަންހެނުންނާއި، 6 ކުޑަކުދިންކަމަށާއި، އޭގެތެރެއިން 41 މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންނަމަވެސް އެމީހުން ޕޮޒިޓިވްވެފައިވަނީ ކޮންކޮން އެއްޗިއްސަށްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ފުލުހުންގެ ސުޕްރިންޓެންޑެންޓް އަޙްމަދު މުޙައްމަދު ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ މުޒާހަރާކުރަމުންދިޔައީ ސުލްޙަވެރިކަމާއިއެކުގައިކަމަށްވިޔަސް، ވަކި ހިސާބަކުން ފުލުސް އޮފިސަރުންނަށް މުޒާހަރާގެ ތެރެއިން ޙަމަލާތައް ރައްދުވެ، މުޒާހަރާކުރަމުންދިޔަ މީހުން ފުލުހުން ބަންދުކޮށްފައިވާ ހިސާބުގެ ތެރެއަށް ވަދެގަންނާން މަސައްކަތްކުރިކަމަށާއި، އެހިސާބުން މުޒާހަރާ ރޫޅާލުމަށް މަސައްކަތްކުރުމުން ދަޑިލަޓިބުރިއާއި، ގަލުން ފުލުހުންނަށް ޙަމަލާދީފައިވާކަމަށެވެ.
ކަންމިހެން ހުރިއިރު “ލެސް ލީތަލް ވެޕަންސް”ގެގޮތުގައި ގިންތިކުރެވިފައިވާ ޕެޕަރ ސްޕްރޭއާއި، ކަރުނަ ގޭހާއި، އަދި ރަބަރު ބުލެޓްވެސް މުޒާހަރާ ކޮންޓްރޯލްކުރުމަށް ބޭނުންކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް އެތަކެތި ބޭނުންކޮށްފައިވާނީ އެކަށޭނަގޮތުގައި، ހިފެހެއްޓުންތެރިކަމާއިއެކުގައިކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާމެދު ފުލުހުންގެ ތަރުޖަމާނު މިނޫހުގައި ވިދާޅުވެފައިވަނީ އެމްޑީޕީއިން ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ “އިންސާފުގެ މައިދާން” ސަރަހައްދުން ފުލުހުންގެ އުޅަނދަކަށް ގެއްލުންދިންކަމަށް ބެލެވޭ މީހެއް ކޮންޓްރޯލްކުރުމަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ރަބަރު ބުލެޓް ބޭނުންކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލު ދެއްވާއެއްނުވެއެވެ.
މިކަމާމެދު މޯލްޑީވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ތަރުޖަމާނު ކާނަލް ޢަބްދުލް ރަޙީމް ވިދާޅުވެފައިވަނީ މިލިޓަރީ ޕޮލިސް ޢާންމުން ކޮންޓްރޯލްކުރުމުގެ ގޮތުން ރަބަރު ބުލެޓް ބޭނުންކޮށްފައިވާކަމުގެ މަޢުލޫމަތުއް ލިބިވަޑައިގެންފައިނެތްކަމަށާއި، އެހެންނަމަވެސް ޕްލާސްޓިކް ނުވަތަ ރަބަރު ބުލެޓް ބޭނުންކުރަންޖެހިއްޖެ ޙާލަތެއްގައި ބޭނުންކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމަށެވެ.
އިއްޔެގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ސޯސަންމަގުގައި ހުންނަ ވިލާ ޓީވީއަށް ބަޔަކުވަނީ ޙަމަލާދީފައެވެ. އެތަނުގެ ބިއްލޫރިތައް ތަޅާލާފައިވާއިރު، އެތެރޭގެ ބައެއް ތަކެއްޗަށްވެސް ގެއްލުންވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ފުލުހުންގެ ސުޕްރިންޓެންޑެންޓް އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވީ ހަމަނުޖެހުންތަކުގައި 11 ފުލުހަކަށް ގެއްލުން ލިބިފައިވާއިރު، އޭގެތެރެއިން 1 ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގެންދެވިފައިވާކަމަށާއި، އިއްޔެގެ ހަމަނުޖެހުންތަކަކީ ޓެރަރިޒަމްގެ ޢަމަލުތަކެއްކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިނޫހާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވެފައިވަނީ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރެވިފައިވާކަމަށާއި، ބަންދުގެ މުއްދަތު އިތުރުކުރެވުނީ އަދި ދޫކޮށްލެވުނީ ކިތައްމީހުންކަން މިވަގުތު ދަންނަވާން ދަތިކަމަށެވެ.
އެހެންނަމަވެސް ފުލުހުންނާ ޙަވާލައިދީ ދުވަހު ނޫސް ހަވީރުގައި ބުނެފައިވަނީ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 82 މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާކަމަށާއި، ބަންދުގެ މުއްދަތު އިތުރުކުރެވުނު މީހުންގެ ތެރޭގައި 3 އަންހެނަކާއި 2 ކުޑަކުއްޖަކުވެސް ހިމެނޭކަމަށެވެ. އަދި ބަންދުގެ މުއްދަތު އެކި މީހުންނަށް އިތުރުކޮށްދީފައިވަނީ އެކިވަރަށްކަމަށްވެސް ދުވަހު ނޫސް ހަވީރުގައި ފުލުހުންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓްސް on "މީހުން ކޮންޓްރޯލްކުރުމަށް ރަބަރު ބުލެޓްވެސް ބޭނުންކޮށްފައިވާ އިއްޔެގެ މުޒާހަރާއިން 99 މީހުން ހައްޔަރުކުރެވުނުކަމަށް ޚަބަރުލިބޭ"
reality on , 21st 2012 1:33 pm
The use of brutal force by Police and MNDF is a grim reminder to all of us that Mr. Gay-yoom is back in power and his iron-fist ruling is behind all of this. Dr. Bq. Waheed is taking commands directly from Mr. Gay-yoom and the price for this coaching is the two ministerial positions for his children and 5 positions for his party members.
ނާއިޝް on , 22nd 2012 1:29 pm
ދޫނިދޫގައި ހުރި ފުލުހުހެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި 105 މީހަކު އެދުވަހު ހައްޔަރު ކޮއްގެން ދޫނިދޫއަށް ގެންދެވުނު. މިހާރު ދެން 500 އަށް ވުރެ ގިނަ މީހުން (ބައެއް މީހުން އެއްވެސް ހެއްކެއް ގަރީނާއެއް ނެތި) ތިބީ ހައްޔަރުގާ..މިހިރީ ބާގީ ސަރުކާރުގެ ދޯދިޔާކަމާއި އަނިޔާވެރިކަން ހުރި މިންވަރު